މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެކުލަވާލާފައިވާ "މޯލްޑިވްސް ޓައިމް ރިލީޒް ސްޓަޑީ 2025" ގެ މުހިންމު ހޯދުންތައް އެ މުއައްސަސާއިން މިއަދު އާންމު ކޮށްފިއެވެ.

މި ދިރާސާއަކީ ރާއްޖެއަށް އެތެރެކުރާ މުދާ، ބަނދަރަށް ނުވަތަ އެއާޕޯޓަށް އަންނަ ވަގުތުން ފެށިގެން، ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަކޮށް އެއާޕޯޓުގެ ގޭޓުން ބޭރުވުމާ ހަމައަށް ހޭދަވާ ވަގުތު ދެނެގަތުމަށް ކުރިއަށްގެންދިޔަ ދިރާސާއެކެވެ.

ކަސްޓަމްސްއިން އާންމުކުރި މި ރިޕޯޓުގެ ހޯދުންތަކަށް ބަލާއިރު، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދާ (ކޫރިއާ މުދާ ހިމެނޭހެން) ފްލައިޓް ޖައްސާ ވަގުތުން ފެށިގެން ހުރިހާ މަރުހަލާތަކެއް ނިމި، އެއާޕޯޓުން ނެރުމަށް އެވްރެޖްކޮށް 2 ދުވަހާއި 9 ގަޑިއިރާއި 17 މިނެޓު ހޭދަވެއެވެ.

މުދާ ކްލިއަރކުރުމުގެ މަރުހަލާތަކުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަވަނީ ފައިސާ ދެއްކުމުގެ މަރުހަލާގައެވެ. އެގޮތުން، އެސެސްމަންޓުން ފެށިގެން ފައިސާ ދެއްކުމާ ހަމައަށް 8 ގަޑިއިރާއި 28 މިނެޓު ހޭދަވެއެވެ. މީގެ އިތުރުން، ޑިކްލަރޭޝަން ޕްރޮސެސްކުރުމަށް ނުވަތަ ހުށަހެޅުމުން ފެށިގެން އެސެސްމަންޓާ ހަމައަށް 3 ގަޑިއިރާއި 41 މިނެޓު ހޭދަވާކަމަށް އެ ދިރާސާއިން ދައްކައެވެ.

މުދާ ބޭލުމުގެ މަރުހަލާއަށް ބަލާއިރު، ފްލައިޓު އައުމުން ފެށިގެން ޓެލީއާ ހަމައަށް 2 ގަޑިއިރާއި 29 މިނެޓު ހޭދަވެއެވެ. އަދި ކަސްޓަމްސްއިން މުދާ ދޫކުރުމަށްފަހު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ގޭޓުން މުދާ ނެރުމަށް 2 ގަޑިއިރާއި 42 މިނެޓު ހޭދަވާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން، އެހެނިހެން ސަރުކާރު އިދާރާތައް ހިމެނޭހެން މުދާ އިންސްޕެކްޓުކުރުމަށް 1 ގަޑިއިރާއި 50 މިނެޓު ހޭދަވެއެވެ. އަދި މުދާ ޝިފްޓުކުރުމަށް 1 ގަޑިއިރާއި 13 މިނެޓު ހޭދަވާއިރު، އިންސްޕެކްޝަން ނިމުމަށްފަހު ކަސްޓަމްސްއިން މުދާ ދޫކުރުމަށް ހޭދަވަނީ 1 ގަޑިއިރާއި 39 މިނެޓެވެ.

މި ދިރާސާ ހެދުމުގެ މައިގަނޑު މަގުސަދަކީ މުދާ ކްލިއާ ކުރުމުގެ މަރުހަލާގައި ހުރި ހުރަސްތަކާއި ލަސްވާ ސަބަބުތައް ދެނެގަތުމެވެ. އަދި މި ހޯދުންތަކުގެ އަލީގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މުދާ ކްލިއާ ކުރުމުގެ ނިޒާމު މިހާރަށްވުރެ ހަލުވިކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ކަސްޓަމްސްއިން ވަނީ ނިންމާފައެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، މިފަދަ ދިރާސާތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ މާހައުލު ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ކަސްޓަމްސްގެ ހިދުމަތްތައް ބައްޓަންކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.