ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، އެއްވެސް ބަދަލަކާ ނުލައި ދަރުމައަށް ލޭ ހަދިޔާކުރާ ފަރާތްތަކުން ކުރާ އަގުހުރި މަސައްކަތުގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވައިފިއެވެ.
މިއަދު އެކްސް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އުމުރުދުވަހަށް ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށާއި، ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެންމެ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމުގައި ލޭ ހަދިޔާކުރާ މީހުންގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލެޔަކީ އަދިވެސް އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވެން ނެތް މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް، ގައުމީ ފެންވަރުގައި ކުރިމަތިވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެ އޮތުމަށްޓަކައި ދަރުމައަށް ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުއްލި ސިއްހީ ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ލޭ ހަދިޔާކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި އެންމެހައި ރައްޔިތުންގެ ސިއްހަތާއި މުޖުތަމައުގެ ލާބައަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
