މާލޭގެ ހުޅަނގު ފަރާތް "ރަސްފަންނު" ބީޗުގެ މޫދަށް އެރޭ ސަރަހައްދު ބޮޑެތި ބަދަލުތަކަކާއެކު މިއަދު ހެނދުނުން ފެށިގެން އާންމުންނަށް ހުޅުވާލައިފިއެވެ..

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ރަސްފަންނު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން އެ ސަރަހައްދު މަރާމާތުކުރުމަށް ކުރި މަސައްކަތްތައް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ބައްލަވާލައްވާފައެވެ. މިނިސްޓަރުގެ މި ޒިޔާރަތުގައި، މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެމްޓީސީސީގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގެން، މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ތަފްސީލް މިނިސްޓަރާ ވަނީ ހިއްސާކުރައްވާފައެވެ.

ރަސްފަންނު މޫދަށް އެރޭ ސަރަހައްދަކީ މީގެ ކުރިން ފެން ދައުރުނުވުމާއި، ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ފެން ތަގައްޔަރުވެ، ގިނަ ފަހަރު މޫދަށް އެރުން މަނާކުރަން ޖެހުނު ސަރަހައްދެކެވެ. ނަމަވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން މިކަމަށް ވަނީ ދާއިމީ ހައްލެއް ހޯދާފައެވެ.

މި މަޝްރޫއުގެ ދަށުން މޫދަށް އެރޭ ސަރަހައްދުގެ އުތުރު ފަރާތުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ހާއްސަ ފެންހިންދާ ނިޒާމެއް ގާއިމުކޮށްފައިވާއިރު، ކުރިން ޖަހާފައިވާ ހިލަތޮށި އެއްކޮށް ނަގާ މޫދު ފެން ދައުރުވާނެ ގޮތަށް އޮއިދެމޭ ހޮޅިތަކެއް ހިމަނައިގެން އަލުން ހިލަތޮށި ވަނީ ޖަހާފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ ބޮޑު މަރާމާތުގެ މުއްދަތުގައި މާލޭގެ ރައްޔިތުންނާއި އެ ސަރަހައްދު ބޭނުންކުރާ އާންމު ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ބެހެއްވި ކެތްތެރިކަމަށް ޓަކައި ޝުކުރު އަދާކޮށްފައެވެ.