ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހަކު މަގާމުން ސަސްޕެންޑްކޮށް ހައްޔަރުކޮށްފިއެވެ.
ނީ ކުއްޖާއާ މެދު އިތުބާރުކުރެވޭ މަގާމެއްގައި ހުރި ފުލުހެއްގެ މައްޗަށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.
ފުލުހުން އޭރު ބުނީ މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދަމުން ކަމަށެވެ. އަދި އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ވަކިން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާއި ގުޅޭ އެންމެ ފަހޖުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ކުރިއަށް ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑަކީ ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ އޮފިސަރުންގެ މައްސަލަތައް ބަލައި، އިދާރީ ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ ހާއްސަ ގޮތްޕެވެ.
ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކަކަށް ވުމާއެކު، މިފަދަ މައްސަލަތަކުގައި ޝިކާރައަކަށްވާ ކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން، އެ ކުދިންގެ ވަނަވަރާއި ހާދިސާ ހިނގި ވަކި ރަށެއް ފުލުހުން އާންމުކޮށް ހާމައެއް ނުކުރެއެވެ.
