ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ނުވަތަ މީސްލްސްގެ އިތުރު 4 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއަދު އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި ފެނުނު މި ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 15 އަށް އަރާފައެވެ.
މި ކޭސްތައް ފެނުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ހިމަބިހީގެ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ. ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އަލާމާތް ހުންނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މީގެ އިތުރުން، ބައްޔަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތް ހުންނަ މީހުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ މި ބަލި ކޮންޓްރޯލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ ވެކްސިން ކަމަށްވާއިރު، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ ބާރުއަޅާފައެވެ. އަދި މި ދުވަސްވަރު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދިނުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
