މާލީ ސްކޭމްތަކުގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން، ސިންގަޕޫރު ފުލުހުންނާއެކު މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މާލީ މުއައްސަސާތަކާއި، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ސެޝަން ބޭއްވިފައިވަނީ ބައިނަލްއަގުވާމީ ގޮތުން ސްކޭމްތަކާ ދެކޮޅަށް ހިންގުނު އޮޕަރޭޝަން ފްރޮންޓިއަރ 3 ޕްލަސް ގެ ނިންމުމުގެ ބައްދަލުވުންތަކާ ގުޅުވައިގެންނެވެ.

މިއީ ސްކޭމްތައް ހުއްޓުވުމަށާއި، އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގުނު ފުރަތަމަ މިފަދަ ބޮޑު ހަރަކާތެވެ. މި ޕްރޮގްރާމުގައި ސަރުކާރާއި އަމިއްލަ ދާއިރާގެ 35 އަށްވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ސެޝަން ކުރިއަށް ގެންގޮސްދެއްވީ ސްކޭމްތައް ހުއްޓުވުމާއި އަނިޔާލިބޭ ފަރާތްތައް ރައްކާތެރިކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ "އެންޓި-ސްކޭމް ކޮމާންޑް" ގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގެ ތެރެއިން ސިންގަޕޫރުގެ ވަފުދުން ވަނީ ބޮޑެތި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ސްކޭމްތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކާއި އަމަލުކުރާ އުސޫލުތައް ހިއްސާކޮށްފައެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • އަވަހަށް ފިޔަވަޅު އެޅުމަށާއި ފައިސާ ހިފެހެއްޓުމަށް މަގުފަހިކޮށްދޭ ގާނޫނީ އޮނިގަނޑުތައް
  • މާލީ އިދާރާތަކުގެ ތެރެއިން ވަގުތުން ވަގުތަށް މުއާމަލާތްތައް މޮނިޓަރކޮށް ރިޕޯޓްކުރާނެ ނިޒާމުތައް

މީގެ އިތުރުން، ތަހުގީގީ އިދާރާތަކާއި، ރެގިއުލޭޓަރުންނާއި، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރިއެވެ.

ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ސްކޭމްތައް ތަފާތު ގޮތްގޮތަށް ފެތުރެމުންދާއިރު، ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތްކޮށް، ރައްޔިތުންނާއި ވިޔަފާރިތަކާއި މާލީ ނިޒާމު މިފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.