ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ޝިފާން ވަކިކޮށް އެ މަގާމަށް އައްޔަންކޮށްފައި ވަނީ މީގެ ކުރިން ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަލީ އާރިފް އެވެ.

ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން އައްޔަންކޮށްފައި ވަނީ ފެބްރުއަރީ، 2024 ގަ އެވެ. ޝިފާން ތަރުޖަމާންގެ މަގާމުން ވަކިކޮށްފައިވާއިރު މީގެ ކުރިން އޭނާއާއ ދެކޮޅަށް ތުހުމަތުކުރެވޭ ބަދުއަހުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހުށަހަޅާފައި ވެއެވެ.

ނަމަވެސް ޝިފާން މަގާމުން ވަކިކުރީ ކޮން ސަބަބަކާހުރެ ކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ނުވެއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް ބަދަލު ގެނައިއިރު، ފުލުހުންގެ އިދާރީ އޮނިގަނޑަށް ވެސް ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އެ އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި އިސްލާހީ ބަދަލުތަކުގެ މައިގަނޑު މަގުސަދު ކަމަށް ވެއެވެ.