"ގިލަން"، މިއީ ދިވެހި ސިނަމާގައި އެންމެ ގިނަ ފިލްމު އުފެއްދި ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ 50 ވަނަ ފިލްމެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިއަދު ވަނީ ރަސްމީކޮށް ދައްކާލާފައެވެ.

ދިވެހި ސިނަމާގެ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ ކަމަށް ބެލެވޭ މި ފިލްމު އޮލިމްޕަސް ސްކްރީނަށް ގެނައުމަށްޓަކައި ފިލްމުގެ ޓީމުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 30، 2026 ގައެވެ.

ދިވެހި ސިނަމާގެ މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ހުނަރުވެރި ބަތަލާ ފާތުމަތު އަޒީފާ (އަޒޫ) މައިގަނޑު ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި، އެކްޓަރު އަހްމަދު ސައީދު ވެސް މުހިންމު ސަޕޯޓިން ރޯލަކުން ފެންނާނެއެވެ. މީގެ އިތުރުން އައިމިނަތު ނޫރާގެ މޮޅު ހުނަރުވެސް "ގިލަން" އިން ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭނެއެވެ.

"ގިލަން" ގެ ވާހަކަ ބިނާވެފައިވަނީ އާއިލީ ގުޅުންތަކާ، ސިއްރުވެރި ލޯބީގެ މައްޗަށެވެ. ނަމަވެސް، ވާހަކަ ކުރިއަށްދާ ވަރަކަށް ބެލުންތެރިން އެއްގޮތަކަށްވެސް އުއްމީދު ނުކުރާ ފަދަ ބިރުވެރި އަދި ރޫހާނީ ހާދިސާތަކެއް ފެނިގެންދާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.

މަޝްހޫރު ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަށް ދިވެހި ފިލްމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާކަން އަމްޖޭ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ރަވީ ފާރޫގް، ރިޝްމީ، ފައިސަލް އަދި ޔޫއްޕެގެ އެހީތެރިކަން މި ފިލްމަށް ލިބިފައިވާއިރު ދާއިރާގެ ގިނަ ފުންނާބު އުސް ފަރާތްތަކެއްގެ އެއްބާރުލުމާއެކު އުފެއްދި މި ފިލްމަކީ އާންމުކޮށް އަމްޖޭ ގެނެސްދޭ ފިލްމުތަކާ އަޅާބަލާއިރު ފެންވަރުގެ ގޮތުންނާ، ވާހަކައިގެ ގޮތުން މުޅިން ތަފާތު މަސައްކަތެކެވެ.

އަމްޖޭއަކީ އަކީ ދިވެހި ފިލްމީ ސިނަމާގައި އެންމެ ގިނަ ފިލްމު އުފެއްދި، އަދި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ.