ތ. ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ތ. ވިލުފުށިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ ސެންޓަރުން މައުލޫމާތު ދެއްވި ގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. ހުޅުދެލި، ބުލޫބެލް، ހަސަން ވަޙީދު (28އ) އާއި، ތ. ވިލުފުށި، ޗަމްޕާޕޫލްގެ، މުސާ ފާތިކު (31އ) ގެ އިތުރުން ތ. ތިމަރަފުށި، ހިރި، އާސް އިބްރާހީމް (34އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން ޙަސަން ވަޙީދު އާއި މުސާ ފާތިކު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ޢާޞް އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ވިލުފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
