މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، އިންސާނުންގެ މުސްތަގުބަލާއި ދުނިޔޭގެ ތިމާވެށީގެ ދުޅަހެޔޮކަމަކީ ވަކިނުކުރެވޭނެ ގުޅުމަކުން ގުޅިފައިވާ ދެކަންތައްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަނދާންކޮށްދެއްވައިފިއެވެ.
މި ދުވަހާ ގުޅިގެން ރައީސް މުއިއްޒު "އެކްސް" މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ތިމާވެށީގެ ނާޒުކު ހާލަތެއްގައި އޮތް ކުޑަ ޖަޒީރާ ގައުމަކަށް ވީހިނދު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން ރާއްޖެއަށް ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތިމާވެށީގެ މައްސަލަތަކާ ކުރިމަތިލުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޕްރޮޖެކްޓް ސޯލާ ސިޓީ އާއި ކާރިސާތަކުން ރައްކާތެރިވުމަށް ތައްޔާރުވުމުގެ ނިޒާމުތަކާއި ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މުޖުތަމައުތައް ބައިވެރިކޮށްގެން ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކަކީ އިންސާނުންނާއި، ގުދުރަތީ ދިރުންތަކާއި، ވަސީލަތްތަކަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި އުސޫލުތައް ހިފެހެއްޓުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި އަދި ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި، ތިމާވެށި ހިމާޔަތްކުރުމުގައި އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.
