އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު، މިސްޓާ ޓޮފް ވަހާބް، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ހައި ކޮމިޝަނާގެ އަރިހުގައި، އިނގިރޭސިވިލާތުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޕްރޮޖެކްޓް އެންޑް ޕްރިޕެއާޑްނަސް އޮފިސާ މިސްޓާ މެތިއު ޕޮޓްސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އާކޮށް، ދިވެހި ފުލުހުންގެ ހިދުމަތާއި އިނގިރޭސިވިލާތުގެ ކަމާގުޅޭ މުއައްސަސާތަކާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެގޮތުން، ފުލުހުންގެ ތަމްރީނުތަކާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުއައްސަސާގެ ގާބިލްކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އަދި ފުލުހުންގެ ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށާއި، ރާއްޖޭގެ ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ގުޅިގެން އިތުރަށް މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ، ދިވެހި ފުލުހުންގެ ހިދުމަތާއި އިނގިރޭސިވިލާތުގެ މުއައްސަސާތަކާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ފާހަގަކުރައްވައި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށާއި މުއައްސަސާގެ ތަރައްގީއަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ވަކިން ހާއްސަކޮށް، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށް އިނގިރޭސިވިލާތުން ލިބެމުންދާ އެއްބާރުލުމަކީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ކޮމިޝަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
