ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިލްތިޒާމުތައް އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވިދާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ކުރިން "ސީސީ" އަށް ދަށްކޮށްފައި އޮތް ރާއްޖޭގެ ކްރެޑިޓް ރޭޓިންގް، ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީ "ފިޗް ރޭޓިންގްސް" އިން "ސީސީސީ-" އަށް މަތިކޮށްފިއެވެ.
މިއީ ރާއްޖޭގެ ބޭރުގެ ދަރަނި ދެއްކުމުގެ ގާބިލުކަމާ މެދު އޮތް ހިރާސްތަކަށް ލުޔެއް ލިބިފައިވާކަން ހާމަކޮށްދޭ ބަދަލެކެވެ. ކުރިން ރާއްޖޭގެ ރޭޓިންގް "ސީސީ" ގައި އޮތްއިރު، އެއީ ގައުމަކުން ދަރަނި ނުދެއްކި "ޑިފޯލްޓް" ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބަލާ ރޭޓިންގްއެކެވެ.
ނަމަވެސް ފިޗްއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިންގް މިވަނީ "ސީސީސީ-" އަށް ކުރިއަށް ޖައްސާފައެވެ.
އެގޮތުން ފިޗުން ވަނީ ރޭޓިން މަތިކުރި ސަބަބަކީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދައްކަން އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ދަރަނި ސަރުކާރުން ދައްކާ ހަލާާސްކޮށްފައިވުން ކަމަށް ބުނެފައެވެ.
މި ދަރަނި އަދާކޮށްފައިވަނީ އިތުރު އެއްވެސް ލޯނެއް ނުނަގައި، ދައުލަތުގެ ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ ބޭނުންކޮށްގެން ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން މި ސުކޫކް ދެއްކުމަށް އެސްޑީއެފް އިން 150 މިލިޔަން ޑޮލަރު ބޭނުންކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގުޅިގެން ފަށާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައްވެސް ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ގްރީން ޓެކްސްއާއި އެއާޕޯޓް ޓެކްސްތައް މަތިކުރުމާއި ބޭރުގެ މާލީ އިދާރާތަކާއެކު ކަރަންސީ ސްވޮޕް އެގްރީމެންޓްތައް ހެދުމާއި ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަންޖެހޭ އިންސައްތަ މަތިކުރުން ހިމެނެއެވެ.
މިދިޔަ މާޗު މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ބޮޑުތަނުން އިތުރުވެ 400 މިލިޔަން ޑޮލަރަށްވުރެ އިތުރު ވެފައިވާކަމަށް އެމްއެމްއޭ އިން އާންމުކުރި ފަހުގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ފެބުރުވަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި ހުރީ 337 މިލިޔަން ޑޮލަރެވެ. ނަމަވެސް މާޗު މަސް ނިމުނުއިރު މި އަދަދު ވަނީ 409 މިލިޔަން ޑޮލަރަށް އަރާފައެވެ.
