ފުލުހުންގެ ވަޒީފާއިން ވަކިކުރި އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ހައިކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާއަށް އަލުން ވަޒީފާ ދީފިއެވެ.

މީގެ 12 އަހަރު ކުރިން، 2014 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ޝިޔާމް ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ފުލުހުންގެ ސައުތު ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ބުނެ، ހަތަރު މަސް ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހުއެވެ.

މި މައްސަލަ ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމާފައި އޮތީ އޭނާއަށް ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް ކުރެވުނު ސުލޫކީ މައްސަލަތައް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައި ނުވާކަން ހައި ކޯޓުން ފާހަގަކުރިއެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ޝިޔާމަށް ކުރިން ހުރި ފެންވަރުގެ މަގާމެއް އަލުން ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ ހުރިހާ މުސާރައަކާއި އިނާޔަތްތަކެއް ދިނުމަށެވެ.

ހައި ކޯޓުގެ އެ އެންގުމާ އެއްގޮތަށް ފުލުހުން ވަނީ ޝިޔާމަށް ވަޒީފާ ހަމަޖައްސައިފަ އެވެ. އޭނާ މިއަދު އެ ވަޒީފާއަށް ނުކުންނަން ފައްޓަވާފައިވާއިރު ޝިޔާމް ވިދާޅުވި ގޮތުގައި ފުލުހުންގެ ވަޒީފާއަށް އެނބުރި އައުމަކީ އޭނާއަށް ލިބިގެންދިޔަ ޝަރަފެއް ކަމަށެވެ. އަދި އެ ވަޒީފާ އާއި ފުލުހުންގެ ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ޝިޔާމަށް ވަޒީފާ އަލުން އަނބުރާ ދިން ނަމަވެސް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތް ދީފައި ނުވެއެވެ. ވަޒީފާއިން ވަކިކުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ހައި ކޯޓުން ކުރި ހުކުމުގެ މުސާރަ ދޭން އެންގި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައިވާ ގޮތުން، މީހަކަށް އަލުން ވަޒީފާދޭ ހާލަތުގައި މުސާރައިގެ ގޮތުގައި ނަގައިދެވޭނީ ގިނަވެގެން ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތެވެ. އަދި ވަޒީފާ އަނބުރާ ނުދޭނަމަ އެއް އަހަރުގެ މުސާރަ ދޭންޖެހޭނެ އެވެ.