ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފިއެވެ.
ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހުޅުވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއާއި، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުހައްމަދު ތޯރިގު އަބްދުއްރައްޒާގުއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާޅޮހު ކައުންސިލު މެމްބަރުންނާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ ދިދަ ނަންގަވައި ދެއްވީ އަލީ އިހުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.
ފުލުހުން ބުނީ މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއި ބ. މާޅޮހު ކައުންސިލުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވާކަމަށެވެ.
މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.
ފުލުހުން ބުނީ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.
