ކުންފުނީގެ ގަވާއިދާ ހިލާފަށް އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުމެއް ދީފައިނުވާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ފެން ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގެ ކުރިއެރުން ލިބުނު ފަރާތަކަށް ނިސްބަތްކޮށް، އެ މަގާމަކީ ކުންފުނީގެ ހައިރާކީ ލެވެލްތަކާ ހިލާފަށް ދީފައިވާ ކުރިއެރުމެއް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާ ގުޅޭގޮތުން ފަހުމީ ވިދާޅުވީ، ކުންފުނީގެ އެއްވެސް މަގާމެއްގެ ކުރިއެރުން ދިނުމުގައި ކުންފުނީގެ ގަވާއިދުތަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ. އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ 20 ޕަސެންޓަކީ އަންހެނުން ކަމަށްވާއިރު، ސީނިއާ މަގާމެއްގައި އަންހެނަކު ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ޖެނެރަލް މެނޭޖާ ހިއުމަން އެންޑް ކެޕިޓަލްގެ މަގާމަށް އައްޔަނު ކުރެވުނު ބޭފުޅާ އެ މަގާމަށް ހޮވިވަޑައިގަތީ މުވައްޒަފުންނަށް ކުރިއެރުން ދިނުމާއި މަގާމު ހަވާލުކުރުމުގައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެއީ ތައުލީމީ ގޮތުން މާސްޓާސް ފެންވަރަށް ކިޔަވައިގެން ހުންނެވި ބޭފުޅެއް ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، އަންހެނުންނަށް ކުރިއެރުން ހޯދައިދީ ބާރުވެރިކުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރުންގެ ފެންވަރުގައާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކައުންސިލްތަކުގައިވެސް އަންހެނުންނަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންހެނަކަށް ސީނިއާ މަގާމެއްގެ ކުރިއެރުން ލިބުމުން ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔަސް، އަންހެނުންނަށް އެފަދަ ކުރިއެރުންތައް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ. އަދި ވަކި މީހެއްގެ ދަރިއަކަށްވީތީ މަގާމުގެ ކުރިއެރުން ނުލިބެންވީ ސަބަބެއްވެސް ނެތްކަމަށް ފަހުމީ ވިދާޅުވިއެވެ.