ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ މުއައްސަސާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އާ އޮނިގަނޑަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމަށް ގެނެވުނު ބަދަލެކެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި ބަދަލުތަކާ ގުޅިގެން އާ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އާ އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
މި އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ މުހިންމު ހުރިހާ ދާއިރާތަކެއް ވަނީ ވަކި ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. މީގެ ތެރޭގައި ތަހުގީގީ ދާއިރާ، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ އަދި ތަމްރީނުގެ ބައިތައް ހިމެނެއެވެ.
އާ އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
- އޮފީސް އޮފް ދަ ކޮމިޝަނާ
- ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
- ޕްރޮފެޝަނަލް ސްޓެންޑަރޑްސް
- ނޭޝަނަލް އިންޓެލިޖެންސް ސާވިސް
- އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
- ފޮރެންސިކް ސާވިސަސް
- ސެންޓްރަލް އިންވެސްޓިގޭޝަންސް
- މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސް
- ސާވިސް ޑިވެލޮޕްމަންޓް އަދި ސާވިސް ސަޕޯޓް
- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމެވެ.
މީގެ އިތުރުން، ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީވެސް މި އިސްލާހީ ބަދަލުތަކުގެ މައިގަނޑު މަގުސަދެކެވެ.
