ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފިއެވެ. ސަލީމް މި މަގާމަށް ހޮވިވަޑައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ބައިވެރިވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރެއްވި ނަތީޖާއިން ދައްކާގޮތުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ސަލީމަށް ލިބިވަޑައިގަތީ 62 ވޯޓެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ލިބިވަޑައިގަތީ 10 ވޯޓެވެ. މި ވޯޓުގައި ބާތިލު 2 ވޯޓު ހިމެނެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ މެންބަރުން ހުށަހަޅާފައި ވަނިކޮށް، އިއްޔެ އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ.
އަހްމަދު ސަލީމަކީ ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް މެންބަރަކު ހޮވުމަށްފަހު، އެޖެންޑާގައި އިތުރު މަސައްކަތެއް ނެތުމުން މަޖިލީހުގެ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.
