ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކުރުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދުއެވެ.

މި ރަސްމިއްޔާތަކީ ޖިނާއީ ބޮޑެތި މައްސަލަތަށް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހަނދާނީ ލިޔުން ލިބުނު 117 އޮފިސަރުންނަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ އޮފިސަރުންނެވެ. މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ވަނީ، ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަމާއި، ދެއްކެވި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ތައުރީފުކުރައްވާފައެވެ. އަދި ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާ، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ، އިންސާފު ގާއިމުކުރުމުގަ އާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ޖިނާއީ ތަހުގީގުތަކާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ފުލުހުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވޭ މުހިންމު ހަފުލާއެއްކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކަށް ބަހާލާފައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.