ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ގއ. ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް އެ މުއައްސަސާއަށް ލިބިފައިވަނީ ރޭ 11:00 އެހައިކަންހާއިރުއެވެ.

މި މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގެމަނަފުށީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އޭނާގެ ހާލަތަށް ބަލައި، އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މާރާމާރީ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.