ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުން ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން ސަލާމަތްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުންފަތުގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގައި އީ-ސިނގިރޭޓު މަނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ހާއްސަ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ވުމަށް ކުރާ މަސައްކަތްތަކަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ނިހާޔަތަށް މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ދުންފަތުގެ އާ ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން، ރަހަ އެކުލެވޭ ނިކޮޓިން ޕައުޗްތަކާއި، ޒުވާނުންނަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރާ މާކެޓިންގެ އުކުޅުތަކަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުވެ އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މި ނުރައްކާތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއި، ދުންފަތުން ދުރުވުމަށް އެހީތެރިވާ ހިދުމަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ސަރަހައްދުތައް އިތުރުކުރުމާއި، މިކަމާ ގުޅޭ ގާނޫނީ އިސްލާހުތައް ގެނައުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ދުންފަތުން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށްޓަކައި ހުރިހާ ރައްޔިތުން އެކުގައި އަތްގުޅާލައިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.
