ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ މާލެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގަތީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން މިރޭ ހާމަ ކުރި ގޮތުގައި އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.
ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ނިމިދިޔަ އަހަރުގެ ތެރޭގައި ވެސް ސިންގަޕޫރަށް ދެ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދެ ދަތުރުފުޅުގެ ތެރެއިން، މިދިޔަ އަހަރުގެ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސިންގަޕޫރުގެ ސަރުކާރާއެކު މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އާއިލާއާއެކު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
