މެދުރާއްޖެތެރޭގެ ރަށެއްގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު، އެކަން ހިނގާދިޔަ ގޮތް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ފުލުހުން ބުނީ މިހާދިސާގައި ވެއްޓުނު އެ ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި އެއްވެސް އަނިޔާއެއް ނެތް ކަމަށެވެ. އެހެންނަމަވެސް، މައުލޫމާތު ލިބޭގޮތުގައި، ކުއްޖާގެ ހާލަތު އިތުރަށް ޔަގީންކުރުމަށްޓަކައި އާއިލާއިން ބޭނުންވެގެން އިތުރު ޓެސްޓުތަކެއް ހެދުމަށް އެކުއްޖާ ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ.
މި ހާދިސާގައި ވެއްޓުނު ކުއްޖާގެ އުމުރާއި، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މި މައްސަލައިގައި ބަލަންޖެހޭ ހުރިހާ ކަންކަމެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
