މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މެއި މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަހްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުހައްމަދު އަނޫފް އަލީ (27އ) ގެ އިތުރުން ގދ. ހޯޑެއްދޫ، އަބުމާގެ، އަހްމަދު މައީޝް ރަޝީދު (28އ) އެވެ.
މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ފަސް އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 100.09 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު ޖިނާޙާއި އަހްމަދު ސައީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުހައްމަދު އަނޫފް އަލީ އާއި އަހްމަދު މައީޝް ރަޝީދު ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
