ލ. ގަމުގައި ރޭ ހިނގި ހިތާމަވެރި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި ކުޑަކުއްޖަކު، އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ 11:00 ގެ ފަހުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ކުރިއަށް އޮތް އީދު ބަންދުގެ ކުޅިވަރުތައް ބޭއްވުމަށްޓަކައި އެ ރަށު މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އެ ކުއްޖާ މަސައްކަތް ކުރަނިކޮށެވެ. ކަރަންޓު ޝޮކެއް ޖެހުމާއެކު އެ ކުއްޖާ ވަގުތުން ހޭނެތިގެން މަގުމައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު އެ ކުއްޖާ ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް، ކުއްޖާގެ ހާލަތަށް ބަލައި އިތުރު ފަރުވާ ބޭނުންވާތީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގައެވެ.

ފުލުހުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.