ބޮޑުތަކުރުފާނު މަގުގައި 500 އަށްވުރެ ގިނަ ޖާގައިގެ ޕާކިންގް ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ޝަރުވަޒް އަބްދުﷲ ހާމަކުރެއްވި ގޮތުގައި މިއީ މާލޭގެ އުތުރު ފަރާތުގެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އާ ޕާކިންގް އޭރިއާ ގާއިމުކުރަމުންދަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތީގައެވެ.

"ބެންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގްއެއް، އެއީ 1400 އަކަފޫޓުގެ ސަރަހައްދެއްގައި ޕާކިންގްއެއް ހަދަނީ" ޝަރުވަޒް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެ މަގުގެ ޖާގަ ބޮޑުކޮށް އާންމުންނަށް ފަސޭހަވާނެހެން މަގު ތަރައްގީކުރަމުންދާއިރު މަގުފެހިކުރުމަށްވެސް މިފަހަރު ހާއްސަ އިސްކަމެއް ދޭނެކަމަށް ޝަރުވަޒް ވިދާޅުވިއެވެ. އެގޮތުން މަގުގެ ކުރިން ނިމުނު ސެގްމަންޓުތަކުން ނަގާ ގަސްތައް އަލުން އިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމުގެ މި ބޮޑު މަޝްރޫއުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ މަގުގެ ބައިތައް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުޅި އެ ސަރަހައްދުގައި އަލުން ތާރު އަޅައި، މަގުގެ ފެންވަރު ރަނގަޅު ކުރުމަކީ މި މަޝްރޫއުގެ މުހިންމު އެއް ބައެވެ.

މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރާނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދާއިރު، އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީ ކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަހައްދެވެ.