އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑަބްލިއުޑީސީ ނުވަތަ އަންހެނުންގެ ކޮމިޓީ މެންބަރުންގެ މުސާރަތައް ބޮޑުކުރަން ނެޝަނަލް ޕޭ ކޮމިޝަނުން ނިންމުމާއެކު އާންމުން ފާޑު ކިޔަން ފަށައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައަޅަން ޖެހެނީ ޕޭ ކޮމިޝަނުންނެވެ. އެއާއެކު ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ފަހު، އެ ކޮމިޝަނުގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލަށް އިއްޔެ ސިޓީއެއް ފޮނުއްވާފައެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސުން އަދި މެންބަރުންގެ މުސާރަތައް:
- ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުން - އަސާސީ މުސާރަ 33،000ރ. ލިވިން އެލަވަންސް 8،500ރ.
- ސިޓީތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުން - އަސާސީ މުސާރަ 5،000ރ. ލިވިން އެލަވަންސް 2،000ރ. ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.
- ސިޓީތަކުގެ ޑަބްލިއުޑީސީ މެންބަރުން - އަސާސީ މުސާރަ 4،000ރ. ލިވިން އެލަވަންސް 2،000ރ. ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.
ރަށްތަކުގެ ޑަބްލިއުޑީސީގެ ރައީސުން އަދި މެންބަރުންގެ މުސާރަތައް:
- ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުން - އަސާސީ މުސާރަ 16،500ރ. ލިވިން އެލަވަންސް 4،500ރ.
- ރަށްރަށުގެ ޑަބްލިއުޑީސީ ނައިބު ރައީސުން - އަސާސީ މުސާރަ 4،000ރ. ލިވިން އެލަވަންސް 2،000ރ. ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ
- ރަށްރަށުގެ ޑަބްލިއުޑީސީ މެންބަރުން - އަސާސީ މުސާރަ 3،000ރ. ލިވިން އެލަވަންސް 2،000ރ. ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ.
މީގެ ކުރިން ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންނަށް ލިބެނީ 7،000ރ. އެވެ. އަދި، ރަށްރަށުގެ ރައީސާއިންނަށް ލިބެނީ 6،000ރ. އެވެ. އެއާއެކު ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންގެ މުސާރަ މި ވަނީ 34،000 ރުފިޔާ ބޮޑުވެފައެވެ. އަދި، ރަށްރަށުގެ ރައީސާއިންގެ މުސާރަ ވެސް ވަނީ 15،000 ރުފިޔާ ބޮޑުވެފައެވެ.
މި ބަދަލާއެކު ރަށްތަކުގެ ޑަބްލިއުޑީސީގެ 176 ރައީސުންނަށް އެކަނިވެސް މަހެއްގެ މައްޗަށް 3.7 މިލިއަން ރުފިޔާ ހޭދަ ކުރާނެއެވެ. ސިޓީތަކުގެ 5 ރައީސުންގެ މުސާރައަށް އަހަރަކު 2.5 މިލިއަން ރުފިޔާ ހަރަދުވާއިރު، މެންބަރުންނާއި ނައިބު ރައީސުންގެ މުސާރައަށް ވެސް މިލިއަނުން ހަރަދުވާނެކަން ޕޭ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އަހަރަކަށް ބަލާނަމަ ސިޓީތަކާއި ރަށްތަކުގެ ޑަބްލިއުޑީސީތަކުގެ މުސާރައަށް ޖުމުލަ 79 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
އެއާއެކު އާންމުންގެ މެދުގައި ވެސް މިވަނީ މުސާރަތަކާ ގުޅިގެން ކަންބޮޑުވުން އުފެދިފައެވެ.
އިއްޔެއާއި މިއަދު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވޭ މި ވާހަކައާއި ގުޅިގެން އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަސައްކަތްތައް އެދެވިގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަަމަށެވެ. އަދި ޑަބްލިއުޑީސީގެ ރައީސާގެ މަސްއޫލިއްޔަތު ތަކާއި މަސައްކަތްތަށް އާންމުނުކޮށް ހާސިލް ކުރަންޖެހޭ ލަނޑުދަނޑިއެއް ނެތި ބޮޑު އަދަދުތަކުން މުސާރަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މީހާ ހިއްސާކޮށްފައި ވެއެވެ.
އަދި އިތުރު މީހަކު ކަންބޮޑުވުން ފާޅު ކޮށްފައި ވަނީ އެތައް ހަރަދަކާއި ބުރަ މަސައްކަތް ކޮށްގެން ކިޔަވާފައި ތިބި މީހުންނަށް ވަޒީފާ ނުލިބޭއިރު އެފަދަ އެއްވެސް ޝަރުތެއް ނެތް މަގާމުތަކަކަށް ބޮޑު އަދަދުން މުސާރަ ކަނޑައެޅުމެވެ. "އެތައް ހަރަދެއް ކޮށްގެން މާސްޓާސް އަދި ޑިގްރީ ނަގައިގެން ވަޒީފާ އަދާ ކުރާ މީހުންނަށްވެސް 15،000ރ. ނުލިބޭ. އެކަމު މި މީހުން [ޑަބްލިއުޑީސީގެ ރައީސާއިންނަށް] ބޮޑު މަސައްކަތެއް ނުކޮށް 21،000ރ. މިއީ އިންސާފެއްތޯ؟" އެމީހާ ސުވާލު އުފައްދާފައި ވެއެވެ.
އަދި އެހެން ފަރާތަކުން ވަނީ ސިވިލް ސާވިސް އުވާލުމަށްފަހު ސިޔާސީ މަގާމުތައް އުފެއްދުމަށްވެސް ގޮވާލާފައެވެ.
"ބޮޑު ހަރަދު ކޮށްގެން ކިޔެވުމުގެ ބޭނުމެއް ނެތް. ސިޔާސީ ގޮތުން ނުކުންނަންވީ" އިތުރު މީހަކު ބުނެފައި ވެއެވެ.
ކަން މިހެން އޮތްއިރު ގާނޫނުގެ ދަށުން ޑަބްލިއުޑީސީގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އަންހެނުންގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ކައުންސިލަށް ލަފާ ދިނުމެވެ. އެގޮތުން ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގައާއި، ކައުންސިލުން ފޯރުކޮށްދޭ ރަށްވެހިކަމުގެހިދުމަތްތައް ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުމެވެ.
އޭގެއިތުރުން ދެން ޑަބްލިއުޑީސީގެ މަސްއޫލިއްޔަތަކީ ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން ގެވެށި އަނިޔާގެ މައްސަލަތައް ފަދަ ކަންކަމުގައި ހޭލުންތެރިކަން އިތުރުކޮށް، ފުރައްސާރައިގެ އަމަލުތައް ހިނގުން ހުއްޓުވުމަށްޓަކައި، ރަށުގައި ނުވަތަ ސިޓީގައި ގާއިމުކުރެވޭނެ ނުވަތަ ހަރުދަނާކުރެވޭނެ ވަސީލަތްތަކާއި އިންތިޒާމުތަކާ ގުޅޭގޮތުން ކައުންސިލަށް ލަފާދިނުމެވެ. މިފަދަ މަސްއޫލިއްޔަތަކަށް އެއީ އެންމެ އެކަށީގެންވާ އުޖޫރައެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އަންހެނުން ކޮމިޓީ މެންބަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ވެ ވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީސް ކެމްޕޭން ތެރޭ ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުން ކޮމިޓީ ބާރުވެރިކޮށް، ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.
