ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން އަލީ ނަސީރު ގާސިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަސީރު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާ، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ނަސީރަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަލީ ނަސީރު މި މަގާމަށް އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން އަލީ ނަސީރަށް ހަވާލުކޮށްދެއްވާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ރާއްޖޭގެ ފަނޑިޔާރުގެތަކާއި އަދުލު އިންސާފުގެ ދާއިރާގެ ކަންކަން ބަލަހައްޓައި، ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދުސްތޫރީ މުއައްސަސާއެކެވެ.
