ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގެ ވަގުތުތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.

މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގާރާރާ ގުޅޭގޮތުން ކަންކަން ކަނޑައެޅުމެވެ. އެގޮތުން މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވާނެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ މެންބަރަކަށް ވާހަކަދެއްކުމަށް ލިބިދޭނެ ފުރުސަތުގެ ދިގުމިން (ވަގުތު) ކަނޑައެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްއަށް އަމިއްލަ ދިފާއުގައި ވާހަކަދެއްކުމަށް ލިބިދޭނެ ފުރުސަތުތަކުގެ އަދަދާއި، އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމަށްވެސް ހަމަޖެހިފައެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ބައިބައިވުން އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން، އެ މައްސަލައިގެ ބަހުސް ކުރިއަށްދާނެ ވަގުތާއި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމިޓީންނެވެ.