މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ފިލި މައްސަލައިގައި، އޭނާ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ބަންދުން މި މީހާ ފިލާފައިވަނީ މި ހިނގާ މޭ މަހުގެ 13 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށެވެ.

ނަމަވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކޮން ބައްޔަކަށް ފަރުވާދިނުމަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން މެއި 18 ވަނަ ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ފުލުހުން ބުނީ، އޭނާ ކުރިން ހައްޔަރުކޮށްފައި ހުރި މައްސަލައިގެ އިތުރުން ފުލުހުންގެ ބަންދުން ފިލި މައްސަލަ ވެސް މިހާރު ވަކި މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.