ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން މިއަދު އާންމު ކުރައްވައިފިއެވެ.

ފާއިތުވި ހަ މަސް ދުވަހުގެ މާލީ ބަޔާން ދައްކާ ގޮތުގައި ރައީސް މުއިއްޒުގެ ނަންމަތީ ތިން އެކައުންޓު ހުރެއެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ކަރަންޓް އެކައުންޓަކާއި ބޭންކް އޮފް މޯލްޑިވްސްގެ ސޭވިންގް އެކައުންޓެއްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ސޭވިންގްސް އެކައުންޓެކެވެ.

  • ބޭންކް އޮފް މޯލްޑިވްސް ކަރަންޓް އެކައުންޓް (ދިވެހި ރުފިޔާ) - 184،845.52
  • ބޭންކް އޮފް މޯލްޑިވްސް ސޭވިންގް އެކައުންޓް (ދިވެހި ރުފިޔާ) - 1,701,470.44
  • މޯލްޑިވްސް އިސްލާމިކް ބޭންކް ސޭވިންގް އެކައުންޓް (ދިވެހި ރުފިޔާ) - 1،000

އެމަނިކުފާނުގެ މިލްކިއްޔާތުގައި ވާރުތައިން ލިބިފައިވާ މާލޭ ދިމްޔާތާއި 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި 150،000ރ. ގެ ހއ. ވަށަފަރު، ދިމްޔާތުއޭ ކިޔުނު ގޯއްޗާއި ހިބައިން ލިބިފައިވާ މ. ފިގް ހިމެނެއެވެ. އަދި 260،000ރ. ކާރެއް ވެސް ރައީސްގެ މިލްކިއްޔާތުގައި އޮވެއެވެ.

މީގެ އިތުރުން ވެސް މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގް ކޮމްޕެނީގައި ލޯނާއި ދަރަނީގެ ގޮތުގައި ބާކީ ނުދައްކާ 1,319,265.13ރ. ހިމެނެއެވެ.

ފާއިތުވި ހަ މަސް ދުވަހު ރައީސަށް ލިބުނު އާމްދަނީ:

  • މުސާރަ - 285,024.00ރ.
  • ކުލި، ހުޅުމާލޭ ރޯ ހައުސް - 240,000.00
  • މ. ފިގް - 180,000.00 (އާއިލާއިން ހަދިޔާ ކުރި ފައިސާ)

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް މިދިޔަ ހަ މަސް ތެރޭގައި ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި 199،999ރ. ލިބިވަޑައިގަތްއިރު ދިމްޔާތު ކުންފުނިން މުސާރައިގެ ގޮތުގައި 78،000ރ. އެކަމަނާއަށް ލިބިވަޑައިގަތެވެ. އަދި ހަމަ އެހެންމެ ހެލުތު މިނިސްޓްރީގެ ކޮންސަލްޓަންްގެ މުސާރައިގެ ގޮތުގައި ހަ މަސް ތެރޭގައި 4،927ރ. ލިބިވަޑައިގަތެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރައްވައި ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެ އެވެ.