މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ (13.6 މިލިއަނަށް ވުރެ ގިނަ) ސިނގިރޭޓުގެ މައްސަލަގައި ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން ހައްޔަރުކުރި 10 މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

އެގޮތުން ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 11:00ގަ އެވެ.

ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކުރުމަށްފަހު، 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ނަމަވެސް، އެ އޮފީހުން ދައުވާ ކޮށްފައިވަނީ 10 މީހެއްގެ މައްޗަށެވެ. އެ 10 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުން މިހާރު ވަނީ އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

ދައުވާކުރުމަށް ހުށަހަޅާފައިވަނީ:

  1. މުހައްމަދު ވަހީދު - ދިގަލި، ބ. އޭދަފުށި
  2. އަހްމަދު އާރިފް - މއ. އެވަގްލޯރީ
  3. މުއާޒު އަލީ - ހ. ނިއުހެޕިނަސް
  4. ޒިވާރު އިސްމާއީލް -މެދުރީގެ، ހދ. ވައިކަރަދޫ
  5. އަހްމަދު ޝަހީމް - ނޫރަލީގެ، ހދ. ވައިކަރަދޫ
  6. އަހްމަދު ފިރުސާން - ، ހ. ރުމޭނިޔާ،
  7. ހުސައިން ސާމިހު - ޗާނދަނީގެ، ސ. ހިތަދޫ
  8. އާދަމް ވަހީދު - ކެނެރީގެ، ނ. މިލަދޫ
  9. ހަސަން އަބްދުއްރަހްމާން - ލިންކް، ކ. ތުލުސްދޫ
  10. މުހައްމަދު އަލަމިން މިއާ - ބަނގުލަދޭޝް

މި މައްސަލައާ ގުޅިގެން އަހުމަދު އާރިފް (އާއްޓޭ)، މުހައްމަދު ވަހީދު އަދި މުއާޒުގެ މައްޗަށް ކުރަނީ ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ޒިވާރު އިސްމާއީލް، އަހްމަދު ޝަހީމް އަދި އަހްމަދު ފިރުސާންގެ މައްޗަށް ކުރަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ހުސައިން ސާމިހު އަދި އާދަމް ވަހީދުގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ ދައުވާ އުުފުލާފައިރު، ހަސަން އަބްދުއްރަހްމާން އަދި މުހައްމަދު އަލަމިން މިއާގެ މައްޗަށް އުފުލާފައިވަނީ ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ ބައި އަނބުރާ ފުލުހުންގެ ހިދުމަތަށް ފޮނުވާލާފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް، ޕީޖީ އޮފީހުގެ އެދުމަށް ދެ ވިޔަފާރިވެރިންނާއި ހަސަން އަބްދުއްރަހްމާން ވަނީ ބަންދުން ދޫކޮށްލާފައެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، އެގޮތަށް ނިންމީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައިނުވާތީ އެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ، ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން، ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.