ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮންނަ ސަލާމަތީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު މިސްރަށް ރަސްމީ ދަތުރެއް ފަށްޓަވައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ސީޕީގެ މި ދަތުރަކީ ކޮލަމްބޯގައި ހުންނަ މިސްރުގެ އެމްބަސީން އިންތިޒާމުކޮށްގެން މޭ 17 އިން 21 އަށް ކުރިއަށްގެންދާ ދަތުރެއްކަމަށެވެ. މި ދަތުރުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ މެދުގައި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމެވެ.
މި ދަތުރުގެ ތެރެއިން، ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭގޮތުން ހާއްސަ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ކޮމިޝަނާ މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުގައި ކޮމިޝަނާ އޮފް ޕޮލިސް މިސްރުގެ ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުލުހުން ބުނީ، ސީޕީގެ މި ދަތުރުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ގަބޫލުކުރެއެވެ.
