ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ މީހެއްގެ ހާލު ދެރަވެ އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާ ގެނެސްފައި ވަނީ ޑީކޯ ވެގެންނެވެ. މި މައްސަލަ ދިމާވަނީ ފީނަން ޖެހޭ މިންވަރަށްވުރެ އަޑިއަށް ފީނައިގެން އިންސާނާގެ ހަށިގަނޑަށް ލިބޭ އެކި ކަހަލަ ގެއްލުންތަކުގެ ސަބަބުންނެވެ.
ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި އެއް ޑައިވަރު މަރުވެފައިވާއިރު އަނެއް ހަތަރު ޑައިވަރުން ވަނީ ގެއްލިފައެވެ. އަދި ފެނިފައި ވަނީ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ ދިގުމިނުގައި 200 އެއްހާ ފޫޓު ހުރި މި ކޭވްގެ ތެރޭގައެވެ. މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ނަމަވެސް ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ.
