ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށްޓަކައި، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ތަނުގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށް ކަނޑައަޅާ މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 59 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ލާމަރުކަޒީ ކޮމިޓީން ވަނީ ބިލަށް ބަދަލުތަކެއް ގެންނަވާފައެވެ. އެ ކޮމިޓީން ގެނައި ބަދަލާއެކު އެލްޖީއޭއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް، ވަކިކުރާނީ އޮތޯރިޓީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ކޮމިޓީން ގެނައި އިސްލާހުގައި ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާ އާއި ކަރަންޓާއި ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން ރަށްރަށާ، ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ވަނީ ހިމަނާފައެވެ. މިއީ ރަށްރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކައުންސިލްތަކަށް ގާނޫނީ ގޮތުން މަތިކުރެވޭ މުހިންމު ޒިންމާއެކެވެ.