ގަޑިޔަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ.
މިއަދު މެންދުރުފަހު 14:00 އިން 18:00 އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މި މަހުގެ 10 ވަނަ ދުވަހު އެޓް އޮފީހުން ނެރުނު މޫސުމީ އިންޒާރުގައި ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ. ދެކުނަށް ފެށުނު މި މޫސުމުގެ އަސަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރެއަށް ފޯރާނެއެވެ. އަދި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އާންމު ގޮތެއްގައި ރާއްޖޭގައި ހުޅަނގު މޫސުން ދެމިގެންދަނީ މޭ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައި ގަދަވެފައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ހާއްސަ އެޑްވައިޒަރީއެއްވެސް ނެރެފައެވެ.
މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސްވަރަކަށް ވެފައި، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
