ސިންގަޕޫރު ޕޮލިސް ފޯސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ސީނިއާ ޕޮލިސް އޮފިސާ ބޭސިކް ކޯސް" ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ސިންގަޕޫރުގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ހަމީދު އަދި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރިޟްވާން ޝަރީފެވެ.
މި ކޯސް ކުރިއަށް ގޮސްފައިވަނީ 2025 އޮގަސްޓް 06 އިން ފެށިގެން 2026 މެއި 11 ގެ ނިޔަލަށެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ފުލުހުންގެ މަސައްކަތުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރުތައް ތަރައްގީކުރުމަށާއި، ލީޑާޝިޕް ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގުނު ކޯހެކެވެ. މީގެ އިތުރުން، ފުލުހުންގެ މަސައްކަތުގެ މައިދާނުގައި ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލުހޯދުމުގެ ހުނަރުތައް މި ކޯހުގެ ތެރެއިން ދަސްކޮށްދީފައިވެއެވެ.
މިފަދަ ބައިނަލްއަގްވާމީ ތަމްރީނުތަކުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ފާހަގަކުރެއެވެ.
މިފަދަ ތަމްރީން ޕްރޮގްރާމެއް 2024 ވަނަ އަހަރުވެސް ސިންގަޕޫރުގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އެފަހަރު އެ ކޯސް ފުރިހަމަކޮށްފައި ވަނީ އިންސްޕެކްޓާ އޮފް ޕޮލިސް ޒުލްފިގާރު އާދަމް އާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަދުނާން ޝަހީމްއެވެ.
