ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި ޗެނަލްތައް މެދުވެރިކޮށް އާންމުންނަށް އަމާޒުކޮށްގެން ހިންގާ ފޭރުމާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަންކަމަށް އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީ ނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މިނޫންވެސް ގާނޫނާ ހިލާފު އެހެނިހެން ކަންކަމާއި މުދަލާއި ހިދުމަތްތައް އިޝްތިހާރުކޮށް، އެ ފަދަ ހިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ފުޅާ ދާއިރާއެއްގައި ހިންގަމުންދާކަން ތަހުގީގުތަކަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އާންމުންގެ އިތުބާރު ހޯދުމަށްޓަކައި ބޭނުންކުރަނީ ވަރަށް ރޭވުންތެރި އުކުޅުތަކެކެވެ. ގިނަ ފަހަރަށް ކުށްވެރިން ބޭނުންކުރަނީ އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި، ސައްހަނޫން ޕްރޮފައިލް ފޮޓޯ އަދި އޮޅުވާލުމަށް ތައްޔާރުކޮށްފައިވާ އިޝްތިހާރުތަކެވެ. މިފަދަ ފަރާތްތަކުން އޮންލައިންކޮށް މުއާމަލާތް ފެށުމަށްފަހު، "ބުކިން ފީ"، "ސޭފްޓީ ޑިޕޮސިޓް" ނުވަތަ "ޑެލިވަރީ ޗާޖް" ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދައެވެ.
ނަމަވެސް، އެދިފައިވާ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުއާމަލާތުގެ ތެރެއިން ހޯދާ މައުލޫމާތުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގަން ފަށައެވެ. ބޭންކް ޓްރާންސްފާ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓްގެ ތަފްސީލު އަދި މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާނެ މައުލޫމާތުތައް ކަމަށް ފުލުހުން ބުނެއެވެ. މި މައުލޫމާތުތައް ބޭނުންކޮށްގެން، އެމީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ.
ޓެލެގްރާމް ފަދަ އެޕްލިކޭޝަންތަކުގައި ހުންނަ ސިއްރުވެރިކަމުގެ ފީޗާތަކުގެ ސަބަބުން، ކުށްވެރިން ހޯދުމަކީ ތަހުގީގީ އިދާރާތަކަށް ވެސް ގޮންޖެހުން ބޮޑު ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، މިފަދަ މީހުން އާންމުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަށްފަހު، އެކައުންޓްތައް ޑިލީޓްކޮށްލުމަށްފަހު ފިލައިގެން ދިއުމަކީވެސް އާންމުކޮށް ހިނގާ ކަމެއް ކަމަށް ބުނެފައި ވެއެވެ.
މިފަދަ މައްސަލަތަކުގައި ޝިކާރައަކަށްވާ މީހުންނަށް ކުރިމަތިލާންޖެހެނީ ހަމައެކަނި މާލީ ގެއްލުން ނޫން ކަމަށާއި ބައެއް ހާލަތްތަކުގައި ކުށުގެ ޝިކާރައަކަށްވި މީހާއަށް މަޖުބޫރުކޮށްގެން އިތުރު ކުށްތަކުގައި ބައިވެރި ކުރުވުމަކީވެސް އާންމުވަމުންދާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ގާނޫނާ ހިލާފު ފައިސާގެ މުއާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުވުމާއި އަދި އިތުރު މީހުން މިފަދަ ގްރޫޕްތަކަށް ވެއްދުން ހިމެނެއެވެ. މިއީ އެމީހަކު ބޮޑެތި ގާނޫނީ އަދި މާލީ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަންކަމެވެ.
ބިރުދެއްކުމުގެ ސަބަބުން ގިނަ ބަޔަކު މިފަދަ ކަންކަމުގައި ބައިވެރިވަނީ އެމީހުންގެ ސިއްރުތައް ފަޅާއަރާފާނެކަމުގެ ބިރަށެވެ. ނަމަވެސް މީގެ ސަބަބުން އެމީހުން އަމިއްލައަށް ބޮޑެތި ޖިނާއީ ކުށްތަކެއްގެ ތެރެއަށް ވަދެވި، ފަހުން ސަލާމަތް ނުވެވޭ ފަދަ މަޅިއެއްގައި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ގްރޫޕްތަކުގެ އެޑްމިނުން ގިނަ ފަހަރަށް ތިބެނީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން، އެމީހުން އަތުލައިގަތުމަށް ބައިނަލްއަގުވާމީ ފުލުހުންގެ އެހީތެރިކަންވެސް ހޯދަންޖެހޭ ކަމަށާއި ލޯކަލް ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން ފައިސާ ދައުރު ކުރާއިރު، އެ އެކައުންޓްތަކުގެ ވެރިފަރާތްތަކަކީ ވެސް ގިނަ ފަހަރަށް މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އާންމުން ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އޮންލައިންކޮށް ހިންގާ ގާނޫނާ ހިލާފު އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް މަސައްކަތް ނުކުރުމަށާއި، ނުދަންނަ މީހުންނަށް ނުވަތަ ނޭނގޭ އެކައުންޓްތަކަށް ފައިސާ ނުފޮނުވުން ހިމެނެއެވެ. އަދި ބޭންކް ސްލިޕް، ޒާތީ ލިޔެކިޔުން ނުވަތަ އަމިއްލަ އެއްވެސް މައުލޫމާތެއް ނުދަންނަ މީހުންނާ ހިއްސާ ނުކުރުމަކީވެސް މުހިންމު ކަމެކެވެ. މީގެ އިތުރުން، އާދަޔާ ހިލާފު ބޮޑެތި ފައިދާތައް ހުށަހަޅާ ޕްރޮފައިލްތަކާއި އަދި އަވަހަށް ފައިސާ ދެއްކުމަށް މަޖުބޫރުކުރާ ފަރާތްތަކަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި އަމިއްލަ މައުލޫމާތު ހާމަކުރާ މިންވަރު މަދުކުރުމާއި، ޕްރައިވެސީ ސެޓިންގްސް ވަރުގަދަކުރުމަކީވެސް މިފަދަ ކުށްވެރިންގެ އަތްދަށުވުމުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އެއްވެސް ފަރާތަކުން ބިރުދައްކައި ބްލެކްމެއިލް ކުރަން ފަށައިފިނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ފަރާތަކާ އިތުރަށް ވާހަކަ ނުދެއްކުމާއި ފައިސާ ނުފޮނުވުމށް ފުލުހުން ބުނެއެވެ. އޭގެ ބަދަލުގައި، ހެކީގެ ގޮތުގައި މެސެޖުތަކުގެ ސްކްރީންޝޮޓް، ޔޫޒާނޭމް، ފޯނު ނަންބަރު އަދި އެކައުންޓް ތަފްސީލު ރައްކާކުރުމަށްފަހު، ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މައްސަލަ ރިޕޯޓްކުރުމަށް ފުލުހުން އެދެއެވެ. އަދި އެކައުންޓްގެ މައުލޫމާތު ކުށްވެރިންނަށް އެނގިފައިވާނަމަ، ލަސްނުކޮށް ބޭންކަށް އެކަން އެންގުމަކީވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކުން ބިރުގަނެ ހަނުހުރުމަކީ ކުށްވެރިންނަށް ލިބޭ އިތުރު ހިތްވަރަކާއި ބާރަކަށް ވާއިރު، މިފަދަ ކަންކަން ދުރާލައި ރިޕޯޓްކުރުމަކީ ތިމާއާއި އެހެން މީހުން މި ނުރައްކަލުން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެކެވެ. ފުލުހުން ދަނީ މިފަދަ މައްސަލަތައް ތަހުގީގުކޮށް، އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް، މިފަދަ ކުށްތައް ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އާންމު ރައްޔިތުން އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަަމށް ފުލުހުން ބުނެއެވެ.
