ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުން ނުވަތަ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ. މިފަދަ ގަރާރެއްގެ ބަހުސް ހިނގާ ޖަލްސާއެއްގައި، މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ ބޭފުޅަކަށް ބައިވެރިވެވަޑައިގަތުމާއި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް، އެ މައްސަލައިގެ ވޯޓުގައި އެ ބޭފުޅަކަށް ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.
ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ މުޅި މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. ގަވާއިދުގައިވާ ގޮތުން މިފަދަ ގަރާރެއް ލިބޭތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މެންބަރުންނަށާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވަން ޖެހެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެއެވެ.
މިފަދަ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް ބަހުސްކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގައެވެ. އަދި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަ ވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ، އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ގަރާރު ފާސްވުމުންނެވެ.
