އައްޑޫ ސިޓީގައި ގާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި، ފްރީ ޒޯނާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އައްޑޫ ސިޓީގައި ގާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީއޯއައި) ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އަދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާ މުއްދަތު ހަމަވުުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާއި ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާއި ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެއެވެ. "އައްޑޫ ރީޖަނަލް ފްރީ ޒޯން" ސަރަހައްދުން ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން" ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. ޑިއުޓީ ފްރީ ޒޯން ހުސްބިން (ބިން ކުއްޔަށް ދޫކުރުން):
- ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33 ރުފިޔާ (ޖީއެސްޓީ ނުލައި)
- ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60 ރުފިޔާ (ޖީއެސްޓީ އާއެކު)
- މަހަކަށް: 1000 އަކަފޫޓަށް 4،600 ރުފިޔާ (298 ޔޫއެސް ޑޮލަރު)، ޖީއެސްޓީ ނުލައި
އެމްޕީއެލް އިން ބުނި ގޮތުގައި ޓެރިފް ކަނޑައަޅާފައިވާ ބިންތަކަކީ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ވިޔަފާރިތަކަށް ކަނޑައެޅިގެންދާނެ ބިންތަކެކެވެ. އެގޮތުން، ބިން ކަނޑައެޅިގެންދާނީ މި ސަރަހައްދުގައި ކުރެވެ ސިނާއީ މަސައްކަތާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބެލްކުރުމާއި ގުދަންކުރުން އަދި ލޮޖިސްޓިކްސްގެ އެކި މަސައްކަތްތަކަށެވެ.
އެހެންކަމުން "އައްޑޫ ރީޖަނަލް ފްރީ ޒޯން"ގެ ހިދުމަތަށް ޝައުގުވެރިވާ ވިޔަފާރިތަކުން [email protected] އަށް އީ-މެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅުމަށް ވަނީ އެދެފައެވެ. އަދި އީއޯއައި އާއެކު މި ހިދުމަތާ ގުޅޭގޮތުން އެ ކުންފުނިން ދީފައިވާ ސާވޭ ފޯމް ފުރިހަމަކޮށް، ހުށަހެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީގެ މަގުތަކެއް ހޯދައި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި "ފްރީ ޒޯން" ގާއިމްކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ތެރޭގައެވެ.
މީގެ އިތުރުން ވެސް ސަރުކާރުން ދަނީ އައްޑޫ ސިޓީ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ މިކަމަށް ހާއްސަ ކުރާ ފުރަތަމަ ސަރަހައްދަކަށް އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅައިފައެވެ.
