މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި 22 އަހަރުގެ އަންހެނަކު އައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށާއި، މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ގ. ނާޝިދުވިލާ/މާލެ، ފާތިމަތު ޝާހާ އިބްރާހީމް (22އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓުންކަމަށެވެ. މެއި މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މެއި މަހުގެ 7 ވަނަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި / އެދުރުގެ، މުހައްމަދު ފައުޒާން (35އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޒާކިރު ހޮސައިން (29އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޒާކިރު ހޮސައިން 15 ދުވަހަށް އަދި މުހައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.