އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ބޭނުންކުރާ "މިތައިލްފެނިޑޭޓް" ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގަރާރެއް ނެރުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މިގޮތަށް ކަނޑައެޅުއްވީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ (ގާނޫނު ނަންބަރު 17/2011) ޖަދުވަލު 1 އިސްލާހުކުރައްވައި، މިއަދު ނެރުއްވި ނަންބަރު 10/2026 ގަރާރުންނެވެ.
މި ނިންމެވުމަކީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ. މިކަމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، މަޖިލީހުން ވަނީ މި ބަދަލު ގެނައުމަށް ރުހުން ދީފައެވެ.
އެގޮތުން، 11 މޭ 2026 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ނިންމާފައިވަނީ، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް (Methylphenidate) އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށެވެ.
ރައީސް ނެރުއްވި މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށާފައެވެ. މި އިސްލާހާއެކު، އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ބޭނުންވާ މުހިންމު ފަރުވާއެއް ކަމަށްވާ މިތައިލްފެނިޑޭޓް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
