މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހައްޖުވެރިންނަށް "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ފޯރުކޮށްދޭ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ސައުދީ އަރަބިއްޔާގެ 18 ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ވަފުދު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ހައްޖުވެރިންގެ ދަތުރުތައް ލުއިފަސޭހަކޮށްދިނުމުގެ މަގްސަދުގައި ސައުދީ ސަރުކާރުން ކުރިއަށްގެންދާ "މައްކާ ރޫޓު އިނީޝިއޭޓިވް" ގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. ރާއްޖޭގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ހިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައުދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާގެ އިތުރުން ސައުދީ އަރަބިއްޔާގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއަށް މި މުހިއްމު ލުއިފަސޭހަކަން ލިބިގެންދިޔައީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކާއެކު ކުރިއަށް ގެންދިޔަ މުހިއްމު މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ހިދުމަތުގެ ސަބަބުން ދިވެހި ހައްޖުވެރިން ސައުދީއަށް އެތެރެވުމުގައި ކުރަންޖެހޭ އިމިގްރޭޝަންގެ ކަންކަން ރާއްޖޭގައި ތިބެގެން ނިންމާލެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ސައުދީގެ ވަފުދުން ދަނީ ކަމާބެހޭ ފަރާތްތަކާއެކު މިހާރު މަސައްކަތް ކުރަމުންނެވެ.
