ކޯޓު އަމުރާ ހިލާފަށް ހަބަރު ލިޔުނުކަމުގެ ތުހުމަތުގައި އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.
ލީވާން ހާޒިރުވުމަށް އަންގާފައިވާ އަމުރުގައި ބުނެފައިވަނީ، ކޯޓު އަމުރާ ހިލާފަށް ހަބަރު ލިޔުނުކަމުގެ މައްސަލަ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވައިދުގެ 7 ވަނަ މާއްދާގެ ދަށުން ބެލުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އޭނާ ލިޔުނު ހަބަރަކީ އެ އަމުރާ ހިލާފަށް ލިޔުނު ހަބަރެއްތޯ ބެލުމަށް މާދަމާ ހެނދުނު 11:00އަށް ލީވާން ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.
އަދި ހަމަ އެހެންމެ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށް ވާ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށެވެ.
އަދި މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ތަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ކޯޓުން ބަލަމުންދިއުމާ ގުޅިގެންނެވެ.
