އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުޙައްމަދުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒްފުގެ ކުށުގެ ދައުވާ އުފުލާ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ވަކި ގޮތަކަށް އަމަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 10 މޭ ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ވަނީ އަދަދު ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މަނާކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން މި ދައުވާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއްކޮށް ގެނެސްދިން ޑޮކިއުމެންޓަރީއާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ޝަރީއަތް ނިމެންދެން އަމަލުކުރަންޖެހޭ ވަކި ކަންތައްތަކެއް ކަނޑައަޅާފައެވެ. އެގޮތުން ދައުވާ ކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެ ޑޮކިއުމެންޓަރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމެންޓަރީއާ ގުޅުވައިގެން ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.މި ފިޔަވަޅުތަކަކީ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ރައީސަށް ތުހުމަތުތަކެއްކޮށް 'އައިޝާ'ގެ ނަމުގައި 'އަދަދު' ނޫހުން އެ ޑޮކިއުމެންޓްރީ ގެނެސްދިނީ މިދިޔަ މަހުގެ 28ގަ އެވެ. އޭގެ ފަހުން މަހަކާ ގާތްވެފައި ވަނިކޮށް އެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީހަށް ވަދެ ބަލާ ފާސްކޮށް އެތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.
އަދި ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދާއި އަދި އެ ނޫހުގެ ސީއީއޯ ފިޔާޒް މޫސާގެ އިތުރުން އީޝާ އަޝްރަފްއެވެ.
އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި "އައިޝާ" ގެ ނަން ބޭނުންކޮށް ރައީސް މުއިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި އަންހެނެއްގެ ވަހާކަތައް ވަނީ އޭއައި ބޭނުންކޮށްގެން ގެނެސްދީފައެވެ. މި ޑޮކިއުމަންޓްރީ އާންމުވި އިރު އޭގައި މައުލޫމާތު ދީފައިވާ އަންހެނާ އަކީ އީޝާ އަޝްރަފް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
