އައްޑޫ ސިޓީއަކީ ރާއްޖޭގެ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ މައި ހަބަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، "އައްޑޫ ބިޒްނަސް ޑައިލޮގް" ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އެ ސިޓީގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 14 އަށް އައްޑޫ ސިޓީގައެވެ. މި ޑައިލޮގްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

"އައްޑޫ ބިޒްނަސް ޑައިލޮގް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝީއާރުގެ ދަށުން ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެެ.

މީގެ އިތުރުން ސަރުކާރުން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާ، މަސައްކަތްތެރިންނާ، ޓެކްނޮލޮޖީ އާއި އިދާރީ ހިދުމަތްތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަކީވެސް މި ފޯރަމްގެ މަގްސަދެކެވެ. މި ފޯރަމްގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ އިތުރުން މާލޭގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާ، ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.