1447 ވަނަ އަހަރުގެ ހައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، މި ވަފުދުގެ އިސްބޭފުޅެއް ކަމުގައިވާ އޮޕަރޭޝަންސް މެނޭޖާ އުމަރު އަބްދުލްމަޖީދު އާރް. އައްދައީޖު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާފައެވެ. މީގެ އިތުރުން، މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ހައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސައުދީ ސަރުކާރުން ކުރިއަށް ގެންދާ މި އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި ހިދުމަތް ރާއްޖޭގައި އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިދުމަތުގެ ސަބަބުން ދިވެހި ހައްޖުވެރިން ސައުދީއަށް އެތެރެވުމުގެ ކުރިން ރާއްޖޭގައި ތިބެގެން އިމިގްރޭޝަން މަރުހަލާތައް ނިންމާލެވެއެވެ. އަދި ހައްޖުވެރިންގެ ފޮށިތައްވެސް ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދޭތީ، ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، ދަތުރަށް ބޮޑު ލުޔެއް ލިބިގެންދެއެވެ.
ދިވެހިރާއްޖެއަށް މި ހިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީން ސައުދީގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ. ހާއްސަ ހުއްދައެއްގެ ދަށުން މި ފުރުސަތު ރާއްޖެއަށް ދެއްވުމަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއި ވަލީއަހްދު މުހައްމަދު ބިން ސަލްމާން ދިވެހި ރައްޔިތުންނާ މެދު ބަހައްޓަވާ ގާތްކަމުގެ ރަމްޒެކެވެ.
ދިވެހި ހައްޖުވެރިންގެ ކަންކަމުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީންނާއި ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ދެއްވާ އެއްބާރުލުމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީން ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
