ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ، ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް، ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ބަދަހި ގައުމެއް ބިނާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާނޭ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާ އާއި މަސްއޫލިއްޔަތު ނުހަނު ބޮޑު ކަމަށެވެ. އަދި އެކަމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ ތެލެސީމިއާ ކުދިންނަށް ހެޔޮދުއާ ކުރައްވައި މެސެޖެއް ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ބަލިމީހުންނަށް ދެވޭ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށްމެ، މުޖުތަމައުގެ ކުލުނާއި ލޯތްބާއި އެހީތެރިކަމާއެކު، އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން އެކަމަނާ ދުއާކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރުދުންނާއި އާއިލާތަކަށް ފަރުވާއަށް ފަހި މާހައުލެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.