21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މެއި މަހުގެ 5 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަކީ މެއި 4ގައި ރާއްޖެއައި ފުލައިޓަކުން ރާއްޖެ އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްކަމަށެވެ.
އެގޮތުން މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގުނު މި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތެކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، ކަސްޓަމްސްއިން ފުލުހުންނާ ހަވާކުކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:
- ލ. ކަލައިދޫ/ހިޔާވަހި، އަބްދުﷲ ރާއިފް (27އ)
- ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޖޯޝިމް އުއްޑިން (43އ)
- ބަންގްލަދޭޝްއަށް ނިސްބަތްވާ މަމުން ދަލި (32އ)
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.
