ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް ޑޮލަރު ހޯދާ މިންވަރު މިއަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 136 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުދި ވިޔަފާރިތަކުން ޓީޓީއަށް އެދި ހުށަހަޅަމުންދާ މިންވަރު އިތުރުވަމުންދާތީ، ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ބީއެމްއެލް އިން މުހިންމު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ އަހަރުގެ 12 މަސް ދުވަހުގެ ތެރޭގައި ޓީޓީއަށް ބީއެމްއެލް އިން ދޫކޮށްފައިވަނީ ޖުމްލަ 175 މިލިއަން ޑޮލަރު ކަމަށެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ އެވްރެޖްކޮށް 15 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 136 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ މަހެއްގެ މައްޗަށް ބަލާނަމަ 34 މިލިއަން ޑޮލަރެވެ. އެހެންކަމުން، ޓީޓީއަށް ޑޮލަރު ދޫކޮށްފައިވާ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށް ވުރެވެސް ބޮޑުތަނުން އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބީއެމްއެލް އިން ޓީޓީއަށް ޑޮލަރު ވިއްކާފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ މުއާމަލާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން ޖެނުއަރީ މަހު 10،838 ޓީޓީގެ މުއާމަލާތަށް 35 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ފެބްރުއަރީ މަހު 10،551 މުއާމަލާތަށް 34 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އަދި މާޗް މަހު 10،600 މުއާމަލާތަށް 37 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އޭޕްރީލް މަހު 8،955 ޓީޓީގެ މުއާމަލާތަށް 30 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މި މައުލޫމާތުތަކަކީ ސީދާ ބީއެމްއެލް އިން ހިއްސާކޮށްފައިވާ ސައްހަ މައުލޫމާތުކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.

ޓީޓީގެ އިތުރުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑަށް ވިއްކި ޑޮލަރުގެ އަދަދުވެސް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މިދިޔަ 2025 ވަނަ އަހަރު ކާޑުތަކަށް ޖުމްލަ 390 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އެއީ މަހަކަށް އެވްރެޖްކޮށް 33 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް ކާޑުތަކަށް 160 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ 40 މިލިއަން ޑޮލަރުގެ އަދަދެކެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކާޑުތަކަށް ޑޮލަރު ވިއްކާފައިވާ މިންވަރުވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ޑޮލަރުގެ ޑިމާންޑް މިހާ ބޮޑަށް އުފުލިފައިވާތީ، ބޭންކަށް ލިބޭ ބޭރު ފައިސާ ވީހާވެސް ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލް އިން އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ކާޑު ބޭނުންކުރެވޭނީ ކާޑުގެ ވެރިފަރާތް ފިޒިކަލްކޮށް ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށް ކަނޑައެޅުމާއި، އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގައި މަހެއްގެ މައްޗަށް ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ނަހަމަ ގޮތުގައި ޑޮލަރު ބޭނުންކުރުން ހުއްޓުވައި، ހަގީގީ ބޭނުންތަކަށް ޑޮލަރު ހޯދާ ކުދި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ފަސޭހައިން ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.