މީގެ 14 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ކުޑަކުއްޖާގެ މައްޗަށް އެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ފެބްރުއަރީ 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މުހީތަށް ހަމަލާދީ މަރާލި މައްސަލާގައި، 2013 ވަނަ އަހަރު ޖުވެނައިލް ކޯޓުން ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ މަރުގެ ހުކުމަށް ހައި ކޯޓުން ވެސް ކުރިން އޮތީ ތާއިދުކޮށްފައެވެ. އެހެންކަމުން އެ ހުކުމް ނިހާއީ ހުކުމެއް ކަަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި އެވެ. ނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ރިއާޔަތްކޮށް އެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން ނިންމިއެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އެ ކުއްޖަކަށް 18 އަހަރު ފުރުނު ކަމުގައިވިޔަސް، ކުޑައިރު ކުރި ކުށަކަށް މަރުގެ އަދަބު ތަންފީޒެއް ނުކުރެވޭނެ އެވެ. އިއްޔެ ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާތިލަކީ ކުޑަކުއްޖަކަށްވާ ހާލަތަކީ އިސްލާމީ ޝަރީއަތުގައި ވެސް ގިސާސް ހިފުން މަނާވާ ހާލަތެކެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުތަކުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ޖުވެނައިލް ކޯޓަށް ފޮނުވަން އަމުރުކޮށްފަ އެވެ.

މުހީތުގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އިތުރު ދެ މީހަކަށް ވެސް މަރުގެ ހުކުމް އިއްވާފައެވެ. އެއީ މުހައްމަދު މައިމޫން (ޅ. ނައިފަރު، ޒައިތޫނިގެ)މުހުޖަތު އަހުމަދު ނާސިހު (ގދ. ގައްދޫ، އަބްލައީގެ)އެވެ. މި ދެ މީހުންގެ މައްސަލަ އަދިވެސް އޮތީ ހައި ކޯޓުގައި ނުނިމިއެވެ.